އއ. ހިމަންދޫގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ޓްރެކް ހުޅުވުމާއެކު، ހިމަންދޫ ރައްޔިތުންނަށް ’އޭ‘ ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށުން ލިބެން ފަށާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި ޓްރެކް ހުޅުވައިދެއްވާފައި ވަނީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުހައްމަދު ނިޔާޒެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ނިޔާޒް ވިދާޅުވެފައި ވަނީ މި ޓްރެކް ހުޅުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
”މި ޓްރެކް ހުޅުވުމުން ހިމަންދޫ އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ. މީގެ ކުރިން ލައިސަންސް ހެދުމަށް މާލެ އަންނަން ޖެހުމަކީ ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް“ ނިޔާޒް ވިދާޅުވިއެވެ.
މިހާރު އެ ސަރަހައްދުގެ ރައްޔިތުން މާލެ ދާން ނުޖެހި އެ ޚިދުމަތް އެ ސަރަހައްދުން ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ހިމަންދޫގައި ތަރައްޤީކުރި ލައިސަންސް ޓްރެކްގައި ޑްރައިވިންގ ޓެސްޓް ދިނުމުގެ އިތުރުން، ލައިސަންސް ކާޑު ހެދުމާއި އާ ކުރުމުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށެވެ.




