ދުބާއީގައި މިހާރު ކުރިއަށްދާ އެރެބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެއިން ބައިވެރިވެވުމަކީ، ރާއްޖޭގެ ފަތުރުވެެިކަމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 28 އިން މިއަދުގެ ނިޔަލަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްގެންދާ މި ފެއަރ ގައި ރާއްޖޭގެ 110 ސްޓޭންޑެއް ބައިވެރިވެފައިވެއެވެ. އަދި 250 އަށްވުރެ ގިނަ ދިވެހިން އެ ސްޓޭންޑުތަކުގައި ހަރަކާތްތެރިވަމުން ދެއެވެ.
މި ފެއަރ އާ ގުޅޭގޮތުން ރޭގައި ނޫސްވެރިންނަށް އިތުރު މައުލޫމާތު ދެއްވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ، ރާއްޖެއިން މި ފެއަރ ގައި ބައިވެރިކުރި ހުރިހާ ސްޓޭންޑަކަށް ވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށް ނަން ނޯޓުވެސް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި މި ފެއަރ ގައި ބައިވެރިވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެކަން މިނިސްޓަރ ގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމެންވާއިރަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން. މިދިޔަ އަހަރު އައީ 2 މިލިއަން ފަތުރުވެރިން، އެހެންނަމަވެސް މިއަހަރު އަޅުގަނޑުމެން ޓާގެޓަކީ އެއަދަދު އިތުރުކުރުން“ ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ތޯރިޤް ވިދާޅުވީ މިއަހަރު ފަހުކޮޅު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އައު ޓާމިނަލް ހުޅުވިގެން ދިޔައިމަ 7.5 މިލިއަން ފަތުރުވެރިންނަށް އެއާޕޯޓުގައި ކޭޓަރ ކުރެވިގެންދާނެ ކަމަށެވެ.



