މިއަހަރުގެ މަސައްކަތްތެރިންގެދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދަކީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވެސް ވިސްނާލަންޖެހޭކަމަށް ވިދާޅުވެ، އެ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ފަށާފައިވާ މަސައްކަތްވެސް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވައި އެ ބުރަ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
”2 މޭ 2024 ގައި ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން ބިދޭސީންގެ އަސާސީ އިންސާނީހައްގުތައް ވެސް ނިގުޅައިގަނެވިފައިވާ ކަމަށެވެ. މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




