މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި ކަމަށް ތުހުމަތު ކުރެވޭ 40،000 އަށްވުރެ ގިނަ ރުފިޔާ އާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެމީހުން ހައްޔަރުކުރީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާ އަދި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ 6:52 އެހާކަންހާއިރު، ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވުމަށް ފަހުގައެވެ.
މި މައްސަލައިގައި ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، އަލީ އަބްދުﷲ (48އ) އާއި އުނިމާގެ، ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ.
އެ ދެ މީހުންނާއި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނޭ ކަމުގައި ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40،515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމުގަ އެވެ. އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.



