ޔަހޫދީ އިޒްރޭލުގެ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައިި އިޒްރޭލުގެ ވަލުތެރޭގައި ރޯވެ އަނދަމުންދާ އަލިފާން ހަލުވިކަމާއެކު ފެތުރެމުން ގޮސް ގުދުސްއަށް ވެސް މިހާރުވަނީ ނުރައްކާ ބޮޑުވެފައެވެ.
އިޒްރޭލުގެ ޔަހޫދީ ނުބައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނީ، ގުދުސް އަށް އަލިފާން ފެތުރިދާނެ ކަމުގެ ބިރު މިހާރު އެބަ އޮތް ކަމަށާއި އިޒްރޭލުގެ ހާލަތު މިހާރު ކުއްލި ހާލަތުގެ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އިޒްރޭލުގެ ވަލުތެރޭގެ ބޮޑުބައެއް ވަނީ އަނދާފައެވެ. އަދި އިޒްރޭލުގެ ބައެއް ސިފައިން ވެސް މި އަލިފާންގަނޑުގައި ތާށިވެފައިވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
ނަތަންޔާހޫ ބުނީ ހުޅަނގުގެ ވަޔާ އެކު އަލިފާން ގަނޑު ފަސޭހައިން ގުދުސްއާ ދިމާލަށް އަދި އެ ސިޓީ ތެރެއަށް ވެސް ފެތުރިދާނެ ކަމަށެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވަނީ ގުދުސް ހިމާޔަތް ކުރުމަށް ކަމުގައިވެސް ނަތަންޔާހޫ ބުނެފައިވެއެވެ.
ގުދުސް ކައިރީގައިވާ ހައިވޭތަކުގެ ކައިރިން ގަދަޔަށް ދުންއަރަމުން ދާއިރު އަލިފާން ނިއްވާ މީހުން އަލިފާން ކޮންޓްރޯލްކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ އަލިފާންގަނޑު ނިއްވާލުމަށް އެހީތެރިވުމަށްވެސް އިޒްރޭލުން އަންނަނީ އާދޭސްކުރަމުންނެވެ.



