އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޭއީއެޗުން ކުރި އިއުލާނުގައި ބުނީ އެ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އިންޓާންޝިޕަށް ކުރިމަތިލާއިރު ޝަރުތު ހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން އިންޓާންޝިޕަށް އެދޭއިރު އެޕްލިކޭޝަން ފޯމާއެކު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ”ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން“ ސެޓްފިކެޓް ހުށަހަޅަންޖެހޭނެކަމަށް އޭއީއެޗުން ބުނެފައިވެއެވެ.
އިންޓާންޝިޕަށް ކުރިމަތިލުމަށް އެދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އޭއީއެޗުން ބުނީ އިންޓާންޝިޕް ފުރުސަތާއި ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885045 އާއި ގުޅައިގެން އަދި މި މެއިލް info@aeh.gov.mv މެދުވެރިކޮށް ހޯދޭނެ ކަމަށެވެ.


