އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެއެވެ.
އައިޖީއެމްއެޗްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ)ގެ ބައެއް ކޭސްތައް އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ބަލި ކުދިންގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
އަދި މިއީ ހާއްސަކޮށް ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި އުފަންވާ ބެކްޓީިރިއާތަކެއް ކަމަށް އައިޖީއެމްއެޗްގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ބަލި ދެނެގަތުމާއެކު އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަގުތުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މި ވަގުތު ހާލަތު ވަނީ ހަރުދަނާ ގޮތެއްގައި ކޮންޓްރޯލް ކޮށްފައި ކަމަށް އައިޖީއެމްއެޗް އިން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ބަލި މީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް އަޅަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ބުނެފައި ވެއެވެ.
އައިޖީއެމްއެޗް އިން ބުނީ މިކަމުގެ އިތުރު ތަފްސީލް ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.



