ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ނިމުނު ”އަންހެންވެރިންގެ ސައްލާ“ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަންހެން ވެރިންގެ ސައްލާ ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 29 އިން 30 އަށް އިސްރަށްވެހިންގެ ނާދީގައެވެ.
އެ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގައި، ކައުންސިލްތަކަކީ ވެސް އަދި ޑަބްލިޔު.ޑީ.ސީ ތަކަކަކީ ވެސް އޭގެ ޒާތުގައި ސަރުކާރުގެ ފަށަލައެއް ކަމަށެވެ.
”ހުރިހާ ކައުންސިލްތަކާއި، ހުރިހާ ޑަބްލިޔު.ޑީ.ސީތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން“ މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކ، އއ، އދ، ވ އަދި މ އަތޮޅުގެ އތމ ކޮމިޓީގެ މެންބަރުންގެ ތެރެއިން 59 މެންބަރަކު ބައިވެރިވެފައިވެއެވެ.



