މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ތަމްރީނުތަކެއް ގިރިފުށީގައި ކުރިއަަށްގެންދަން ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިއަދުން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކޮންމެ ދުވަހެއްގެ 18:30 އިން 23:59 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ހުޅަނގު ދެކުނަށް 5400 މީޓަރ ދުރުމިނަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި ބަޑީގެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީނުތަކުގެ އިތުރުން އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މި މަހުގެ 05 ވަނަ ދުވަހުގެ 09:00 އިން 15:00 އަށް، ސ. ގަމުގެ ދެކުނުން 05 ނޯޓިކަލް ބޭރު ކަނޑުމަތީގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ސ. ގަމުގެ އިރުން 5 ނޯޓިކަލް މޭލު ބޭރުން 9000 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރު ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެއެވެ.



