ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން ކެނޑިނޭޅި ވަކާލާތު ކުރުމުގައި ދެމިތިބޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ފަލަސްޠީނަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކާ ގުޅިގެން އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާޢީލުން ހަމާލާދޭތީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖީ) އަށް ރާއްޖޭޭގެ ފަރާތުން ހުށަހެޅި ބަޔާނުގައެވެ.
ރާއްޖޭގެ ފަރާތުން އުޝާމް ދެއްވި ބަޔާނުގައި ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށެވެ.
”އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން މުހިންމު،ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ“ އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމިއްޔާގެ ބާރު ކަނޑުވާލުމަށް އިސްރާޢީލުން މަސައްކަތްކުރަމުންދާތީ ރާއްޖެއިން ހުށަހެޅި އެ ބަޔާނުގައި އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން އިންސާނީ އެހީދޭ ފަރާތްތަކަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދެމުންދާތީވެސް އެ ބަޔާނުގައި އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެ އަޑު އެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވިދާޅުވީ ބައިނަލްއަގްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ގައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.
އިސްރާއީލު ގެންދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށްޓަކައި އުދުވާނީ ހަމަލާތައް ދެމުން ޣައްޒާގެ ރައްޔިތުން ބޯފެނާއި ކާބޯތަކެތީން މަހުރޫމްކޮށް އ.ދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ ޖަމިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅަމުންނެވެ.



