ބަޔޯމެޓްރިކް ޑާޓާ އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ޤާނޫނުތައް ތަންފީޒް ކުރަމުންދާ ވަރަކަށް ބިދޭސީންގެ ހައްޤުތައް ކަށަވަރުވެ ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރަނގި އޮޕަރޭޝަން ނަމުގަ ފެށި މަސައްކަތުގެ ދަށުން 150،000 ބިދޭސީ މަސައްކަތްތެރިންގެ ފިންގަރޕްރިންޓް އަދި ބަޔޯމެޓްރިކަލީ އެ މީހުންގެ ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަޕްޑޭޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތް މިހެން ކުރެވުމުން ރާއްޖޭގައި މަސައްކަތް ކުރަން ތިބީ ކޮންކޮން ބައެއްކަމާއި، އޭގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި މީހުން ޤަވާއިދާ އެއްގޮތަށް އުޅުމުގެ މަގު ފަހިކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.
އަދި މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީންގެ ހާލަތު މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ކުރިން ހިއްސާކުރުމަށް މިނިސްޓްރީން ވަނީ މީގެ ކުރިން އެދިފައެވެ.
އެގޮތުން އެ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



