އެމެރިކާގައި ވިއްކާ އެންމެ ގިނަ އައިފޯންތައް ދެން ވިއްކާނީ އިންޑިއާއިން ކަމަށް އެޕަލް އިން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ހަމަލާގެ ސަބަބުން އެޕަލް ކުންފުނީގެ ސަޕްލައި ޗެއިންތަކަށާއި ސޭލްސް އަދި ޕްރޮފިޓް މާޖިންއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް އެ ކުންފުނިން އަންނަނީ ބަލަމުންނެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ބުރާސްފަތި ދުވަހު ވިދާޅުވީ އެމެރިކާގެ މާކެޓަށް އައިފޯންތައް ނެރުމުގައި ދެން އިންޑިއާ އިން ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.
އަދި ވިއެޓްނާމަކީ އެމެރިކާގައި ވިއްކާ އައިޕެޑް، މެކް، އެޕަލް ވޮޗް އަދި އެއާޕޮޑްގެ ގާތްގަނޑަކަށް ހުރިހާ އުފެއްދުންތަކެއް އުފައްދާ ގައުމަކަށް ވާނެ ކަމަށްވެސް ކުކް ވިދާޅުވި އެވެ.
އެމެެރިކާއިން ޓެރިފް ނަގަން ފެށިފަހުން، އެމެރިކާގެ ރައީސް ވަނީ ސްމާޓްފޯނާއި ސެމިކޮންޑަކްޓަރު ފަދަ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް ވަގުތީ ލުޔެއް ދެއްވާފައި ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ބައެއް ޓެކްސްތައް އަންނާނެ ކަމުގެ އިޝާރާތް ވޮޝިންޓަނުން ވަނީ ދީފައެވެ.
ކުކް ވިދާޅުވީ ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން ކުރީ ކުއާޓަރުގައި އެޕަލްއަށް ވަރަށް ކުޑަ އަސަރެއް ކުރި ކަމަށާއި ނަމަވެސް ޑިއުޓީތައް ދެމިއޮތް ނަމަ އޭޕްރީލް-ޖޫން ކުއާޓަރުގައި އެ ކުންފުނީގެ ހަރަދުތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިތުރުވާނެ ކަމަށެވެ.
”މި ކުއާޓަރު ނިމުމުގެ ކުރިން މުސްތަގުބަލުގައި އެޅިދާނެ ފިޔަވަޅުތަކާ މެދު ޔަގީން ނުވާތީ ޓެރިފްގެ އަސަރު ސީދާ އަންދާޒާ ކުރެވެން ނެތް“ ކުކް ވިދާޅުވި އެވެ.
”މިހާރު ދުނިޔޭގެ ޓެރިފް ރޭޓްތަކާއި ސިޔާސަތުތަކާއި އެޕްލިކޭޝަންތަކަށް ކުއާޓަރުގެ ބެލެންސަށް ބަދަލެއް ނާންނާނެ ކަމަށް ބަލައި، އާ ޓެރިފެއް އިތުރު ނުކުރާ ކަމަށް ބަލައި، އަޅުގަނޑުމެންގެ ހަރަދުތަކަށް 900 މިލިއަން ޑޮލަރު (797 މިލިއަން ޔޫރޯ) އިތުރުވާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަން.“ ކުކް ވިދާޅުވިއެވެ.
ފާއިތުވި މަސްތަކުގައި އެ ކުންފުނިން އިންޑިއާގައި އައިފޯން އުފެއްދުން އިތުރުކޮށްފައިވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގައި މިހާރު އައިފޯނުގެ 20 ޕަސެންޓް އަންނަނީ އުފައްދަމުންނެވެ.
ބައެއް އުފެއްދުންތައް ބަދަލުކުރަން ނިންމި ނަމަވެސް އަދިވެސް ގިނަ އައިފޯންތައް ޗައިނާގައި އުފައްދަމުން އަންނައިރު، ކުކް ބުރާސްފަތި ދުވަހު ވިދާޅުވީ އެޕަލްގެ ގިނަ އުފެއްދުންތައް އެމެރިކާއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަނަކަށް ދެމިއޮންނާނެ ކަމަށެވެ.
ނަމަވެސް މާޗް ކުއާޓަރުގައި ޗައިނާގައި އެޕަލް ކުންފުނީގެ ސޭލްސް ވަނީ 2.3 ޕަސެންޓް ދަށަށް ގޮސް 16 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
ވާވޭ، ޝިއޯމީ އަދި އޮއްޕޯ ފަދަ ޑޮމެސްޓިކް ކުންފުނިތަކުން ބޮޑު މާކެޓެއް ހޯދަމުން އަންނަ ޗައިނާގެ މާކެޓުގައި އެ ކުންފުންޏަށް ވަނީ ވަރުގަދަ ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.



