ޒުވާން އަންހެންކުއްޖަކު މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ކުރިމަތީގައި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ”ދުލެއް ނުކުރާނަން“ ރޭ ކުރިއަށްދަނިކޮށް އެ މުޒާހަރާ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު 28އ އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހުމަދު 19އ ކަމަށެވެ.
އަބްދުﷲ މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ވާއިރު އައިޝަތު ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށެވެ.
ދަންވަރު ބާރަ ޖެހުމާއި ހަމައަށް ޒުވާނުން މެދުކެނޑުމެއް ނެތި މުޒާހަރާކުރަމުން އަންނަތާ ބުރާސްފަތި ދުވަހުގެ ރެޔަކީ 11 ވަނަ ރެޔެވެ.
އެ މުޒާހަރާތަކުގައި ޒުވާނުން އަންނަނީ ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުމަށާއި ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލަމުންނެވެ.
މީގެ ކުރިން ޒުވާނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަޝްފާޤު ބުނީ ޒުވާނުން އެއްވުމުގެ މައިގަނޑު މަޤްސަދަކީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުން ކަމަށެވެ.
އަދި އެމީހުންނަކީ ވަކިހިސާބަކަށް ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫންކަމަށާއި، އެއީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޤައުމެއް ހިންގުމަށް ހަވާލުވެފައި ތިބި ޒުވާނުންތަކެއް ކަމަށް ވެސް އަޝްފާޤު ބުނެފައި ވެއެވެ.



