އެެމެރިކާއާއެކު އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ނުސީދާ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ފަސްކުރީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ އަޒުމަށް ބާރު އަޅާތީ ކަމަށް އީރާނުން ބުނެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބުރާސްފަތި ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަރަގްޗީ ވިދާޅުވީ އޮމާން އާއި އެމެރިކާގެ މަޝްވަރާކުރާ ފަރާތްތަކާ ގުޅިގެން، ބާއްވަން ހަމަޖެހިފައިވާ އެ މަޝްވަރާ ބައްދަލުވުން ލަސްކުރީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ އަޒުމަށް ބާރު އަޅާތީ ކަމަށެވެ.
”އޮމާން އާއި އެމެރިކާގެ މަޝްވަރާކުރާ ފަރާތްތަކާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ހަތަރު ވަނަ ބުރުގެ މަޝްވަރާތައް ފަސްކުރަން ނިންމީ، ލޮޖިސްޓިކް އަދި ޓެކްނިކަލް ސަބަބުތަކަށްޓަކައި“ އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އިރާނުގެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ އަޒުމަކަށް ބަދަލެއް އައިސްފައި ނުވާ ކަަމަށާއި އިންސާފުވެރި އަދި ހަމަހަމަ އެއްބަސްވުމެއް އެކުލަވާލުމަށް މި ތިބީ ކުރިއަށްވުރެ ބޮޑަށް އަޒުމް ކަނޑައަޅައިގެން ކަމަށް އަރަގްޗީ ވިދާޅުވެފައި ވެއެވެ.
”މި މަޝްވަރާތަކުގައި ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމުގެ ޔަގީންކަން ދިނުމާއި، އީރާނުގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރާކަން ކަށަވަރުކޮށް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަބަދުވެސް ސުލްހަވެރިކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އުފެއްދުން ބޭނުންވޭ“ އަރަގްޗީ ވިދާޅުވި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ވިދާޅުވީ، ރޯމްގައި ބާއްވަން ރާވާފައިވާ މަޝްވަރާތައް ފަސްކުރީ އޮމާންގެ ފޮރިން މިނިސްޓަރު ބަދްރު ބިން ހަމަދު އަލް ބުސައިދީގެ ލަފާގެ މަތިން ކަމަށެވެ.
”އާ ތާރީހުތައް އިއުލާނު ކުރާނީ އަނެއްކާވެސް އެއްބަޔަކު އަނެއްބަޔަކަށް އެއްބަސްވެވުމުން“ ބަޣާއީ ވިދާޅުވެފައި ވެއެވެ.
ބަޣާއީ ވަނީ އެމެރިކާއިން، އީރާނަށް އަމާޒުކޮށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިގްތިސާދީ ޕްރެޝަރުތައް އުވާލުމަށް އެ ޤައުމުން އަޒުމް ކަނޑައަޅުއްވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަގްސަދުގައި އޮމާން، އީރާން އަދި އެމެރިކާ ގުޅިގެން މި މަހުގެ 12، 19 އަދި 26 ވަނަ ދުވަހު ވަނީ ތިން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މަޝްވަރާތައް ކުރިއަށްދާ ގޮތާ މެދު އެމެރިކާ އަދި އިރާނުންވެސް މިހާތަނަށް ވަނީ މަޝްވަރާތައް ކުރިއަށް ދަނީ ”ޕޮޒިޓިވް“ ކޮށް ކަމަށް ބުނެފައެވެ.



