އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާއަކީ މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ޢަރަބި ބަހުން ދެއްވި ޚުޠުބާގެ ދިވެހި ތަރުޖަމާ އެވެ.
”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައި ވާށެވެ.“ މި މައުޟޫއަށް ދިން ހުކުރު ޚުތުބާގައި ބުނީ ﷲގެ ރަޙްމަތާ އެންމެ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުންގެ މައްޗަށް އެންމެ އޯގާވެރިވާ މީހުން ކަމަށެވެ.
އަދި އެފަދަ މީހުންނަށް މާތް ﷲ ރަޙުމަތްލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ ކަމަށާއި ކަށްވަޅުގެ ޢަޛާބުންނާއި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.
”ތިބާއީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވާށެވެ! ތިބާއަށް ލިބިގެންވާ ހެޔޮކަން ހަމައެކަނި ތިބާއަށް ލިބިގެންވާ އެއްޗެއް ކަމުގައި ނުހަދާށެވެ! އަދި ކިއެއްތަ! އެކަންވާހުށީ މީސްތަކުންނަށް ރަޙުމުކޮށްގެންނެވެ“. ހުޠުބާގައި ބުނެފައި ވެއެވެ.
އެގޮތުން އެކަން ވާނީ ނުދަންނަ މީހުންނަށް އުނގަންނައިދީގެން ކަމަށާއި ހާޖަތްތެރީންނާއި ފަޤީރުންނަށް ތިބާގެ ޖާހާއި މާލުން އެހީތެރިވެގެން ކަމަށާއި ބޮޑެތި މީހުންނަށް އިޙްތިރާމުކޮށްގެން، ކުޑަކުދީންނަށް އޯގާތެރިވެގެން، ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީގެން، ޖަނަވާރުންނަށް އޯގާތެރިވެގެން ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.
ހުޠުބާގައި ބުނީ ﷲ تَعَالىއީ ރަޙީމުވަންތަ، މީސްތަކުންނަށް ރަޙުމުކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށާއި އަޅުތަކުންކުރެ އެކަލާނގެ ރަޙުމުކުރައް ވަނީ މީސްތަކުންނަށް ރަޙުމުކުރާ މީހުންނަށް ކަމަށެވެ.
އެކަލާނގެއީ މީސްތަކުންނަށް ގިނަގިނައިން ޢަފޫކުރައްވާ ފާފަ ފުއްސަވާ، މީސްތަކުންނަށް މަޢާފުކުރާ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއީ ނުހަނު އޯގާވަންތަވެރި، މީސްތަކުންނަށް އޯގާވެރިވާ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށް ހުޠުބާގައި ބުނެފައި ވެެއެވެ
ﷲއީ ހިތް ހަރުކަށި ޚުލްޤު ނުބައި ކިބުރުވެރި ޖައްބާރު މީހުން ދެކެ ކޯފާވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއީ އިޙްސާންތެރިވަންތަ، އިޙްސާންތެރިކަމަށާއި އެ ކަމުގެ އަހުލުވެރިން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއީ ޢަދުލުވެރިވަންތަ، ޢަދުލުވެރިކަމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަމަށް ހުޠުބާގައި ބުނެފައި ވެެއެވެ.
އެހެން މީހަކަށް މަކަރުހަދައި ކެހިދީފި މީހަކަށް އެ ކަމާ އެއް ފަދަ ސަޒާ ދެއްވާ ހުށި ކަމަށާއި އަޅާ، މީހަކާ މުޢާމަލާތުކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުޢާމަލާތުކުރައްވާހުށި ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.


