އައިޖީއެމްއެޗްގެ އެންއައިސީޔޫ އިން ފެނުނު އިންފެކްޝަނުގައި ހާލު ދެރަވި ކުދިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ)ގެ ބައެއް ކޭސްތައް އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ބަލި ކުދިންގެ ތެރެއިން ފެނިފައިވާކަމަށް އިއްޔެ އެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
އެއީ ހާއްސަކޮށް ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި އުފަންވާ ބެކްޓީިރިއާތަކެއް ކަމަށާއި ބަލި ދެނެގަތުމާއެކު އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ.
މިކަމަށް އިޝާރާތް ކޮށް އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައބުނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ގައިން މާޗު 27 ގައި ނެގި ސާމްޕަލްއަކުން އެމްޑީއާރު ”ބާކޯލްޑޭރިއާ ސްޕޭޝިއާ“ ފެނިފައިވާ ކަމަށާއި މިއާއެކު ވަގުތުން ކުއްޖާ އައިސޮލޭޓްކުރެވި އެ ޖަރާސީމް އިތުރަށް ފެތުރުން ހުއްޓުވުމަށް އެންވައިރަމަންޓަލް ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އަދި އެ ކޭސް ކުރިމަތިވުމަށްފަހު އެ ތަނުން އިތުރު ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅި ކަމަށް އައިޖީއެމްއެޗް އިން ބުނެފައި ވެއެވެ.
އިތުރަށް ނެގި ސާމްޕަލްތަކުން އެންއައިސީޔޫގެ ވެންޓިލޭޓަރުގައި ތިބި އިތުރު ހަތަރު ތުއްތުކުއްޖެއްގެ ގައިން އެ އިންފެކްޝަން ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ދުވަސް ނުފުރާ ވިހެއި ތިން ކުދިން އަދި ދުވަސް ފުރާ ވިހެއި ކުއްޖަކު ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އަވަސް ކަމާއެކު ވިލަރެސް ކުރެވިގެން އެޅުނު ފިޔަވަޅުތަކެއްގެ ސަބަބުން މި އިންފެކްޝަން ފެތުރުން ހުއްޓުވިފައިވާ ކަމަށާއި މިދިޔަ މަހުގެ 15 ގެ ފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައި ވެސް ނުވާކަމަށާއި މި ވައިރަސް ފެނުނު ފަހުން، 27 މާރިޗުން ފެށިގެން 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށް އައިޖީއެމްއެޗް އިން ހާމަކުރެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗް އިން ބުނީ މި ވަގުތު ވެސް އައިޖީއެމްއެޗްގެ އެންއައިސީޔޫގައި 10 ކުދިން އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އެ ވައިރަސް ޖެހިފައި ތިބި ފަސް ކުދިން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ އެ ފަސް ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި އިންފެކްޝަނުގައި ހާލު ދެރަވި ކުދިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ބުނެފައި ވެއެވެ.


