މާނުއްސުރެ ދިވެހީން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތާ ގުޅުވައިގެން އެ މަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
“ ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް. މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ސާފު، ރީތި އަދި ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުންދަނީ ދިވެހިރާއްޖޭގައެވެ.
ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ދިވެހިރާއްޖޭގައެވެ.
ދިވެހީން އެ މަސައްކަތަކަށްޓަކައި ފަޚްރުވެރިވާ މަސްވެރިކަމުގެ ސިނާޢަތް ނެގެހެއްޓެވުމަށްޓަކައި އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، މާތް ﷲގެ އިރާދަފުޅާއެކު ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނުގެ މަސް ރައްކާކުރެވޭނެ ޤާބިލުކަން އިތުރުކުރެވިގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. ބައެއް މަސައްކަތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހަކީ މަސްވެރި ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ދުވަސްތަކެކެވެ.
ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް ޙިކުމަތްތެރިކަމާއެކު އަދުގެ ސަރުކާރުން މިހާރުވެސް ގެންދަވަނީ މަސައްކަތްކުރައްވައި، ޢަމަލީ ގޮތުން ތަފާތު ދައްކުވައިދެއްވަމުންނެވެ.




