އެހެން މީހުންގެ ހައްގުތައް ނުގެއްލޭގޮތަށް މުޒާހަރާކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިއްޖެއެވެ.
އެޗްއާރްސީއެމުން މިހެން ބުނެފައި މިވަނީ މާލޭގެ އިމާރާތެއް މަތިން ޒުވާން އަންހެންކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ކުރަމުން އަންނަ މުޒާހަރާއަށް އިޝާރާތްކޮށެވެ.
އެޗްއާރްސީއެމުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ މަޖީދީމަގުގައި ކުރިއަށްގެންދާ ސިލްސިލާ އެއްވުންތައް އެ ކޮމިޝަނުން ދަނީ ވަރަށް ގާތުން މޮނީޓަރ ކުރަމުން ކަމަށެވެ.
އަދި ރާއްޖޭގެ ގާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބަޔެއްގެ ހައްގަށް އަަރައި ނުގަނެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
”މިފަދަ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާވެބިނގާވާ މީހުންނާއި އެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް ކޮމިޝަނުން އިލްތިމާސްކުރަން“ އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.
އެގޮތުން މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން އިލްތިމާސްކުރާ ކަމަށާއި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެޗްއާރްސީއެމް އިން ވަނީ މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުން އަމަލުކުރުމަށާއި އެއްވެ އުޅުމުގެ ޤާނޫނުން މަނާކުރާ ކަންތައްތައް ކުރުމުން ދުުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި ދިފާއީ ބާރުތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.




