ނޮވެމްބަރު މަހުން ފެށިގެން ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުރިހާ އަތޮޅަކަށް ޕްރައިމަރީ ހެލްތުކެއާ ފުޅާކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
ޓޮބޭކޯ ސީޒޭޝަން ކްލިނިކްތައް މިހާރު ކޮންމެ ރަށެއްގައި ޤާއިމުކޮށްފައިވާ ކަމަށާއި ބަޖެޓުގެތެރެއިން އެތަންތާނގައި މަސައްކަތްކުރާނެ ޓްރެއިންވެފައި ތިބި މީހުނާއި އެ ތަންތަނަށް ބޭނުންވާނެ ތަކެތި ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ކުރިން ދެންނެވިފައިވާފަދައިން ޖެނެރޭޝަނަލް ބޭން ތަންފީޒުވާނެ ނޮވެމްބަރު އެކަކުން ފެށިގެން“ ރައީސް ވިދާޅުވިއެވެ.
ހުރިހާ ރައްޔިތުންވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ އެ މަނިކުފާނު ވަަރަށް ބޮަޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ގިނަ ބަލިތައް ޖެހޭ ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެކަން ހުއްޓާލުމުން ވަރަށް ގިނަ ބަލިތަކުން ސަލާމަތްވާނެ ކަމަށެވެ.
ހަމައެހެންމެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުން ދުޅަހެޔޮ މުސްތަގުބަލަކަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.




