ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށާއި އެމަނިކުފާނުގެ ޝަރީޢަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެލެއްވި ފުރަތަމަ ދުވަހު އިއުލާނު ކުރެއްވި ފަދައިން، ރާއްޖޭގެ ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި އެފަދައިން ކަންކަން ކުރުމަކީ އެމަނިކުފާނުގެ ޒަމީރު ޤަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ މައްސަލައާ ގުޅޭގޮތުން ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއް ކަމަށެވެ.
”އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސް އަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސް އަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި މިނިސްޓަރަކަށް ހުންނެވިއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ހަޔާތުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރެވިފައިވަނީ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ކަމަށެވެ.



