ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައި މީހުން ބެހެއްޓުން ނުވަތަ ”ވާނުވާ“ ބަންދުގައި ތިބި މީހުންހެ އަސްލު ގުޅިފައިވަނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ޖާގައާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެތަންތަނުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވާނުވާ ބަންދު އުވާލުމަށް ގޮވާލައި މިދިޔަ ހަފްތާގައި މާލެތެރޭގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، ވާނުވާ ބަންދު ޖަހާފައި އެފަދަ މީހުންގެ ޝަރީޢަތްތައް ބޭއްވުންވެސް ލަސްވެ، ގިނަ އަހަރުތަކެއް ވަންދެން އެފަދަ މީހުން ޖަލު ބަންދުގައި ހޭދަކުރަން ޖެހުމެވެ.
މިކަންބޮޑުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ވާނުވާގެ މައްސަލައަކީ ބޮޑު، އަދި އެ މަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަމަށެވެ.
”މިއީ ގާނޫނީ މައްސަލައެއް ނޫން. ހަގީގަތުގައި އަސްލު މައްސަލައަކީ ކްރިމިނަލް ކޯޓުގައި ޖާގަނެތިގެން މައްސަލަތައް ދިގުވެގެން ދިޔުން. އިމާރާތުގެ ހާލަތު ހުރިގޮތުން ފަންކްޝަނަލް ނުވެފައި ހުރިތަނެއް އެއީ،“ ރައީސް ވިދާޅުވި އެވެ.


