ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސް ބާއްވަަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތާރީހު އައު ކޮށްފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި މި ޕްރެސް ކޮންފަރެންސް ކުރިއަށްގެންދާތާ މިހާރު 15 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ.
މިއީ މުޅި ދުނިޔޭގައި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށްވީއިރު، މިއީ ރާއްޖޭގެ ރައީސަކު ވެސް މިހާ ދިގުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް މިހާތަނަށް ބޭއްވީ ޔޫކްރެއިންގެ ރައީސް ވޮލޮޑީމިއާ ޒެލެންސްކީ އެވެ. އޭނާ ވަނީ 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެހެންކަމުން ރައީސް މުޢިއްޒު މިއަދު މިވަނީ ޒެލެންސްކީގެ ރިކޯޑު މުގުރާލާފައެވެ.
ޖުމްލަ 36 ނޫސްވެރިން ބައިވެރިވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒުވަނީ އެމަނިކުފާނުގެ ވައުދުފުޅުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާ، އެމަނިކުފާނުގެ މި ސަރުކާރުގައި ފުރިހަމަ ކޮށްފައިވާ މަޝްރޫޢުތަކާއި ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން ހުރިހާ ދާއިރާތަކެއް ވެސް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތަށް ވަރަށް ތަފްސީލުކޮށް ނޫސްވެރިންނަށް ކިޔައިދެއްވާފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނު ނޫސްވެރިންނާ އެންމެ ފަހުން ބައްދަލު ކުރެއްވިތާ 500 އެއްހާ ދުވަސް ފަހުން ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވީ ކޮންމެ ނޫސްވެރިއަކަށްވެސް، އެމީހަކު ބޭނުންވަރަކަށް ސުވާލު ކުރެއްވުމުގެ ފުރުސަތު ރައީސް މުޢިއްޒު މިއަދު ވަނީ ދެއްވާފައެވެ. އަދި އެ ސުވާލުތަކަށް ރައީސް ވަނީ ވަރަށް ހަމަޖެހުމާއި ކެތްތެރިކަމާއެކު ޖަވާބު ދެއްވާފައެވެ.
ރައީސް މުޢިއްޒުގެ މި ވެރިކަމުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަށްޓަކައި ޖުމުލަ 2130 މަޝްރޫޢެއް ރޭވިގެން އެ މަޝްރޫޢުތަކުގެ މަސައްކަތް އެކިއެކި މަރުޙަލާގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައީސް މުޢިއްޒުގެ މެނިފެސްޓޯއާ ގުޅިގެން 289 ވައުދުފުޅު، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންފައިވާ 1051 ވައުދުފުޅު، ދަތުރުފުޅުތަކުގައި ވައުދުވެވަޑައިގަތް 484 ކަމަކާއިއެކު އެކި އިވެންޓުތަކުގައި ކޮށްދެއްވާނެކަމުގައި ވިދާޅުވި 305 ކަމެއްގެ ތަފުސީލް މި ބައްދަލުވުމުގައި ރައީސް ހިއްސާކުރެއްވިއެވެ.
ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި އެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް، ވަޢުދުފުޅުތަކުގެ އިތުރުންވެސް ގިނަގުނަ މަސައްކަތްތަކެއް ހިނގަމުންދާކަން ވެސް ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ސިނަމާލެ މާލެހިޔާ ސަރަހައްދުގައި ފްލެޓު އެޅުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މި މަޝްރޫޢުގައި ސޮއިކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދަވާނީ ސިޓީ ކައުންސިލްގެ ތެރެއިން ކަމަށާއި މި މަޝްރޫޢުގެ ތެރެއިން މިހާރު ހުރި ސިނަމާލެ އަދި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަމިއްލަކޮށްފައިހުރި ތަންތަން އަލަށް އަޅާ އިމާރާތްތަކަށް ބަދަލުކުރެވި، ބައު އިމާރާތް ތަޅާލުމަށް ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން މި މަހުގެ 9 ވަނަ ދުވަހު މުޅި ދަޢުލަތް ހިމެނޭގޮތަށް ޑިޖިޓަލައިޒޭޝަން ބޮޑު ކޮންފަރަންސަކަށް އެންމެން އެއްތާކަށް ގެންނަވައި، އެންމެން އެކަމުގައި ބައިއަތު ހިއްޕަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވަނީ މުޅި ދަޢުލަތުގެ ނިޒާމު ހިންގުމުގައި ކުރިއަށްއޮތް ތިން އަހަރު ދުވަހަށް މޯލްޑިވްސް 2.0 ގެ ނަމުގައި ފައްޓަވާ މި މަޝްރޫޢުގެ ތެރެއިން މުޅި ސަރުކާރު ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައެވެ.




