ޣައްޒާއަށް އެހީތެރިވުން ހުއްޓުވުމުގެ ގޮތުން އިޒްރޭލުން އެ ޤައުމުގެ މަގުތައް ބަންދު ކުރުމުގެ ސަބަބުން، ބަނޑުހައި ހޫނު ކަމުގައި ޣައްޒާގެ ގިނަ ރައްޔިތުންތަކެއް މަރުވެއްޖެއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާއަށް އެހީތެރިވުމުގެ ގޮތުން އެތައް ބައިވަރު ބަޔަކު ވަނީ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން އެހެން ޒަރޫރީ ސާމާނުތައް ވެސް ފޮނުވާފައެވެ. ނަމަވެސް އެތަކެތި ހިފައިގެން ދިޔަ އެއްވެސް އުޅަނދަކަށް މިހާތަނަށް ޣައްޒާގެ ބޯޑަރު ހުރަސް ކުރެވިފައެއް ނުވެއެވެ. އިޒްރޭލުން ވަނީ އެ މަގުތައް ބަންދުކޮށް އެއްވެސް ފަރާތަކުން ޣައްޒާއަށް ވަދެވުން ހުއްޓުވާފައެވެ.
އިޒްރޭލުގެ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވާލުމަށް ގޮވާލައި އ.ދ އިން ވަނީ މީގެކުރިން ވެސް އެތައް ފަހަރެއް މަތިން ޣައްޒާއަށް އެހީތެރިވާން ގޮވާލާފައެވެ. އަދި ބަނޑުހައިހޫނުކަމުގެ ހާލަތު ވަަރަށް އަވަހަށް ޣައްޒާއަށް ޖެހިދާނެކަމަށް ވެސް އ.ދ އިން މީގެކުރިން އެތައް ފަހަރަކު ބުނެ އިންޒާރު ދީފައިވެއެވެ.
ކާބޯތަކެތި ނުލިބި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ޣައްޒާއިން މިހާތަނަށް 57 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އިޒްރޭލުން ޣައްޒާއަށް މިފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އެ ޤައުމަށް ހަމަލާތައް ދިނުންވެސް ހުއްޓާލާފައެއް ނުވެއެވެ. އެގޮތުން އިއްޔެ އިރުއޮއްސުނު ވަގުތު ދޭން ފެށިހަމަލާތަކުގެ ސަބަބުން ވެސް މިހާތަނަށް ޣައްޒާއިން 45 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޔަހޫދީ އިޒްރޭލުގެ މިފަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން މިހާތަނަށް 52،495 މީހަކު މަރުވެ، 118،366 މީހަކު ޒަހަމްވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.



