މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ އިތުރަށް ތަހުގީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްސަ ކޮމިޝަންގެ މެންބަރުންނަށް 5،000 ރުފިޔާއާއި 15،000 ރުފިޔާގެ އެލަވަންސެއް ދޭން ހަމަޖައްސައިފިއެވެ.
ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓި އަނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. އޭނާ ވެއްޓުނު މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރުމާއެކު އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ މައްސަލަ އިތުރަށް ތަހުގީގު ކުރެއްވުމަށް ރައީސް މުޢިއްޒު ޚާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެގޮތުން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ:
° ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަންގެ ރައީސް)
° ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހްމަދު މުހައްމަދު، ވ. އަލްމާން
° ޑރ. މޫސާ މުރާދު
° ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ
° އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް އޮފީހުގައި އިއްޔެ ހެނދުނުން ފެށިގެން ގާތްގަނޑަކަށް 15 ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ ކޮމިޝަންގެ މެންބަރުންނަށް އެއްވެސް މުސާރައެއް ދިނުމަށް ކަނޑައަޅާފައިވޭތޯ ރައީސް މުޢިއްޒުއާ ސުވާލު ކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް އެ މަސައްކަތަށް އެލަވަންސެއް ދިނުމަށް ހަމަޖައްސާފައިވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކޮމިޝަނުގައި ތިއްބެވި ޑޮކްޓަރާއި ސިއްހީ ދާއިރާގެ މުވައްޒަފަށް، މުސާރަ ހިނގާހެން ވަޒީފާއިން ވީއްލޭ ގޮތަށް ހަމަޖެއްސުމާ އެކު، ކޮންމެ ބޭފުޅަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދޭން ހަމަޖެހިފައިވާ ކަމަށާއި ދެން ތިއްބެވި ތިން މެމްބަރުންނަކީ އެއްވެސް އިތުރު ވަޒީފާއެއްގައި ނޫޅުއްވާ ތިން ބޭފުޅުން ކަމުގައިވާތީ އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.



