ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން، އެއްވެސް ސަބަބަކާހެދި ސަސްޕެންޑުކުރާ ފަރާތްތަކަށް ދެން މުސާރަ ނުހިނގާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުސޫލު ބަދަލު ކުރައްވައިފިއެވެ.
މި ބަދަލު ގެނެެސްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވީ، އިއްޔެ ހެނދުނުން ފެށިގެން ގާތްގަނޑަކަށް 15 ގަޑިއިރު ވަންދެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ނޫސްވެރިއަކު ސުވާލު ކޮށްފައިވަނީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ އެކިއެކި ބޭފުޅުން އެކި މައްސަލަތަކާ ގުޅިގެން ސަސްޕެންޑުކުރައްވާއިރު މުސާރަ ހިނގާ ގޮތަށް ގިނަ ދުވަސްތަކެއް ވަންދަން ބައިތިއްބާ މައްސަލާއާ ގުޅޭގޮތުންނެވެ.
ދައުލަތުގެ އިސްމަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން މީގެކުރިން ސަސްޕެންޑު ކޮށްފައިވާއިރު، އެމީހުން ސަސްޕެންޑު ކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށެވެ. ނަމަވެސް މިފަހުން ސަސްޕެންޑު ކުރާ ފަރާތްތަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފައިވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފައެވެ. އަދި ސަސްޕެންޑު ކުރުމާ ގުޅޭގޮތުން އެފަފައިން އުސޫލު ގެންގުޅުއްވީ ކީއްވެތޯ ނޫސްވެރިޔާ ވަނީ ރައީސް މުޢިއްޒުއާ ސުވާލު ކޮށްފައެވެ.
އެކަމާ ސުވާލު ކުރުމުން ރައީސް މުޢިއްޒު އެންމެ ފުރަތަމަ ވިދާޅުވީ މިފަހުން ސަސްޕެންޑުކުރި އެންމެން ވެސް ސަސްޕެންޑުކޮށްފައިވަނީ މުސާރަ ނުހިނގާ ގޮތަށް ކަމަށެވެ. މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑުކުރަނީ ކޮރަޕްޝަންގެ ތުހުމަތުކުރެވިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރާ މީހުން އެކަނި ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި މުސާރަ ލިބޭ ގޮތަށް މީގެ ކުރިން ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ މީހުން ވެސް ބަހައްޓާފައިވާ ކަމަށާއި އޭގެ ފަހުން އެއަށް ވުރެ މާ ރަނގަޅު މުސާރައެއްގައި އެހެން މަގާމަކަށް ބަދަލުކުުރައްވާފައިވާ ކަމަށް ބުނެ، އެހެން ނޫސްވެރިޔަކު ހަމަ އެ ސުވާލުކުރުމުން ރައީސް ވިދާޅުވީ ވެރިކަމުގެ ކުރީކޮޅު އެ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ.
”ސަރުކާރުގެ ކުރީކޮޅު އެ ގޮތަށް ސަސްޕެންޑުކުރި މީހުންނަށް އަޅުގަނޑުމެންނަށް ހުރީ އެ ގޮތަށް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކުރެވިފައި. އެކަމަކު މިހާރު އެއީ އަޅުގަނޑުމެން ބަދަލުކުރި އުސޫލު. މިހާރު އެގޮތަކަށް ނުކުރަން،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.



