3.7 ކިލޯމީޓަރުގެ ބްރިޖަކުން ގދ. ތިނަދުއާއި ގދ. ކާޑެއްދޫ ގުޅާލަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައެވެ.
ރައީސް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް މުޅިން އާ އެއާޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ ކުރަން ނިންމަވާފައިވާ ކަމެއް ކަމަށެވެ.
ރައީސް މިހެން ވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫޢުއާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ރައީސް ވަނީ އެ މަސައްކަތުގެ އަޕްޑޭޓެއް މިވަގުތު ނެތް ކަމަށާއި ނަމަވެސް ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް މުޅިން އާ އެއާޕޯޓެއް ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ކަން ހާމަކުރައްވާފައެވެ.
އިންޓަނޭޝަނަލް އެއާޕޯޓެއް ތިނަދޫގައި ތަރައްގީކުރުމުގެ އެއްބަސްވުމުގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.



