އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރުކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި އެންތަނީ އަލްބަނީސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރަށް ރައީސް މުޢިއްޒު ތަހުނިޔާ ދަންނަވާފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް އިންތިހާބު ވެޑައިގަތް އެންތަނީ އަލްބަނީސް ޓެގު ކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.
ދެވަނަ ދައުރަކަށް ހޮވިވަޑައިގަތްކަން ފާހަގަކުރައްވާ ވަރުގަދަ މެންޑޭޓުން ދައްކުވައިދެނީ އޮސްޓްރޭލިއާގެ ރައްޔިތުން އަލްބަނީސްގެ ލީޑާޝިޕަށް ކުރައްވާ އިތުބާރު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަލްބަނީސްގެ ލީޑާޝިޕުގައި އޮސްޓްރޭލިއާއި އެކު ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް އެދޭ ކަމަށާއި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.



