އިއްޔެ ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮންމެ ދުވަހަކުވެސް ގެންގުޅުއްވާ ވޯކް އެތިކް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވެފައި ވަނީ އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް މުޢިއްޒު ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސް 15 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާތީ އެކަމަށް އިޝާާރާތްކޮށެވެ.
އެގޮތުން ސޯޝަލް މީޑިއާ ޕްލެޓް ފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ކޮންމެ ދުވަހަކު ރައީސް ޑރ. މުޢިއްޒު މަސައްކަތަށް ދެއްވާ އަހައްމިއްޔަތާއި ބަހައްޓަވާ ފަރުވާތެރިކަމާއި ވަރުބަލި ކަމެއްނެތި ދެއްވާ ވަގުތު އިއްޔެ ރައްޔިތުންނަށް ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ.
”މިއީ ކޮންމެ ދުވަހަކުވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ވޯކް އެތިކް“ ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވެފައި ވެއެވެ.
ޢައްސާންގެ ޕޯސްޓުގައި ވަނީ ރައީސް މުޢިއްޒުއަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ މުޅި ގައުމު އެމަނިކުފާނަށްޓަކައި ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އިއްޔެ ރައީސް މުޢިއްޒު ބޭއްވި އެ ޕްރެސް ކޮންފަރެންސް ވަނީ 15 ގަޑިއިރަށްވުރެ ދިގުމިނަށް ކުރިއަށް ގެންގޮސްފައެވެ.
މިއީ މުޅި ދުނިޔޭގައި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށްވީއިރު، މިއީ ރާއްޖޭގެ ރައީސަކު ވެސް މިހާ ދިގުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ޖުމްލަ 36 ނޫސްވެރިންނާއެކު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވައުދުފުޅުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާ، އެމަނިކުފާނުގެ މި ސަރުކާރުގައި ފުރިހަމަ ކޮށްފައިވާ މަޝްރޫޢުތަކާއި ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން ހުރިހާ ދާއިރާތަކެއް ވެސް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތަށް ވަރަށް ތަފްސީލުކޮށް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.




