ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މިއީ އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއީ އެ އޮފީހުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެކެވެ.
މިކަމާ ގުޅޭ އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔަރޑް ޢައްބާސް ޝަރީފާއި، ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާއެވެ.
މި މަސައްކަތް ހިނގަމުންދާގޮތް ގާތުން ބަލައި މޮނިޓަރކުރަމުން ގެންދިއުމަށާއި، އެންމެ އެދެވޭ ނަތީޖާ ޙާޞިލުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
ޕީޖީ އޮފީހުން ބުނީ މި އެއްބަސްވުމުގެ ދުރު ރާސްތާގެ ތަޞައްވުރަކީ އޯގާތެރިކަމާ، ޤާނޫނާއި ގަވާއިދުތައް ނަގަހައްޓައި ތަންފީޛްކުރުމާއެކު، އަޅާލުމާއި ހަމްދަރުދީ އެކުލެވިގެންވާ ޖިނާއީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޖީ އައްބާސް ވިދާޅުވީ މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕީޖީގެ އޮފީހުގައި ޤާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއު.ވީ.އެސް.ޔޫ) ގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް ކަމަށެވެ.
”މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމަށް ޔޫ.އެން.ޑީ.ޕީން ދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.“ ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ މުވައްޒަފުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މަޤްޞަދަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަޤާފަތެއް އާލާކުރުމާއި، މުވައްޒަފުންގެ މަސައްކަތާއި، ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށެވެ.
އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ ވަރަށް ޙައްޞާޞް މަސައްކަތްތަކެއް ކުރާ ބަޔަކަށްވެފައި، އެ މުވައްޒަފުންކުރާ ޤާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.
ޔޫ.އެން.ޑީ.ޕީއަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ގޮތުގައި، މާނަހުރި ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ކުރިއެރުމަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންގެންދާ ޖަމިއްޔާއެކެވެ.



