ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
އެގޮތުން އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒްއާ ގުޅޭގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ކޮމިޓީން އެކުލަވާލި ރިޕޯޓަށް ރިއާޔަތްކޮށް އެ ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމާފައިވެއެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.




