މާލޭގެ އިމާާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ހޭ އަރައިފި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އެ ހާދިސާ ހިނގި ފަހުން ޔުމްނު ހޭ އަރާފައި މިވަނީ 17 ދުވަސްވީ ފަހުންނެވެ.
މިވަގުތު ޔުމްނު އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލަތު ސްޓޭބަލް ނަމަވެސް އަދިވެސް އޮތީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
އޭނާއަށް ކާންދޭން ގުޅާފައިވާ ހޮޅި ނައްޓާލާފައިވާ ކަމަށާއި މިހާރު ބްލޭންޑެޑް ކާއެއްޗެހި ކެވޭ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ޔުމްނު ގޮވައިގެން އޭނާގެ އާއިލާއިން މެލޭޝިޔާއަށް ފުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި، މިޓާޒްގޭގެ ގުދަނުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ މާރިޗު މަހުގެ 18 ވަނަ ދުވަހު ހެނދުނު އެވެ.
އެ ހާދިސާ ހިނގިރޭ ޔުމްނުއާ އެކު އުޅުނު 8 މީހެއްގެ ޕާސްޕޯޓާއި އެ އެންމެންގެ މޮބައިލް ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް މިހާރު ވަނީ 10 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



