”ޗައިނާ ގާޑަން“ އަކީ ހަމަޔަގީނުންވެސް ގިނަ މީހުންނަށް މިހާރު އައު ނަމަކަށް ނުވާނެއެވެ. މާލޭގައި ހުރި އެންމެ ނަން މަޝްހޫރު ރެސްޓޯރަންޓުތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ ޗައިނާ ގާޑަން ރެސްޓޯރަންޓަކީ، ކުރުކޮށް ފޮނިކޮށް ބުނާނަމަ، ގިނަ ބަޔަކަށް ވަރަށް ކަމުދާ ބްރޭންޑެކެވެ.
ވަރަށް ވެސް އާދައިގެ ރެސްޓޯރަންޓެއްގެ ގޮތުގައި 2004 ވަނަ އަހަރު ފުރަތަމަ ހުޅުވި ”ޗައިނާ ގާޑަން“ ގެ މުޅިއަކު ހަތަރު ރެސްޓޯރަންޓު މިހާރު ހުޅުވާފައިވެއެވެ. އެއީ މާފުށީގައި އެއް ރެސްޓޯރަންޓް، ހުޅުމާލޭގައި އެއް ރެސްޓޯރަންޓް އަދި މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުރި މިނަމުގެ ރެސްޓޯރަންޓުގެ އިތުރުން މިހާރު ކާނިވަލުގައި ހުޅުވާފައިވާ އެތަނުގެ އައު ރެސްޓޯރަންޓެވެ.
މިއަހަރުގެ ރަމަޟާން މަހު ހިންގަންފެށި އެ ރެސްޓޯރަންޓު ހުޅުވާފައިވަނީ ވަރަށް ވެސް ޖާގަ ބޮޑު އަދި ވަރަށް ހިތްފަސޭހަ ލޮކޭޝަނެއްގައެވެ.

ޗައިނާ ގާޑަންއާ ބެހޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އެތަނުގެ އޮޕަރޭޝަންސް މެނޭޖަރ ނާޒްނީން ހަމީދު (ނާޒް) ވިދާޅުވީ 2004 ވަނަ އަހަރު ޗައިނާ ގާޑަން އާދައިގެ ރެސްޓޯރަންޓެއްގެ ގޮތުގައި ފެށި ނަމަވެސް، މިހާރު މިހާހިސާބަށް އައި އިރު މި ބްރޭންޑު ގެނެސްފައި މިވަނީ މުޅިން އެހެން ލެވެލްްއަކަށް ކަމަށެވެ. އެގޮތުން ކުރިން ހުޅުވާފައި ހުރި ރެސްޓޯރަންޓުތަކާއި މިހާރު އަލަށް ހުޅުވާފައިމިވާ ރެސްޓޯރަންޓު ވަރަށް ބޮޑުތަނުން ތަފާތުވާނެ ކަމުގެ ޔަގީންކަން ނާޒް ދެއްވިއެވެ.

”މިތަން ޑިޒައިން ކޮށްފައި މިހުރީ، ތަފާތު އޭރިއާތަކަށް ކޭޓަރ ކުރެވޭ ގޮތަށް. ގްރައުންޑް ފްލޯގައި އާއިލާތަކަށް އެކުއެކީގައި އައިސް އޭސީ ހަރުކޮށްފައި ހުރި ބޮޑު ޖާގައެއްގައި ވަގުތު ހޭދަ ކޮށްލެވޭނެ. މީގެއިތުރުން ފަސްޓް ފްލޯގައި، އެގްޒެކެޓިވް މީހުން މީޓިންގްތައް ބާއްވަން ބޭނުންވާ ކަމުގައިވާނަމަ، އެ ފަރާތްތަކަށް ޚާއްސަކޮށް އަޅުގަނޑުމެން މިވަނީ ވީއައިޕީ ލޯންޖެއް ހުޅުވާފަ. އަދި ހަމަ އެ ފްލޯގައި އަޅުގަނޑުމެން މިވަނީ އޯޕަން އެއަރ އޭރިއާއެއް ވެސް ހުޅުވާފަ. އޭގެ އިތުރުން އަޅުގަނޑުމެންގެ ރޫފްޓޮޕް އޭރިއާވެސް ފާހަގަ ކޮށްލެވޭ. ސީވިއު އާއެކު ހިތްގައިމު މަންޒަރު ވަށައިގެން ފެންނަ ގޮތަށް އެތަން އޮންނާނީ. މުޅިތަން ޑިޒައިން ކޮށްފައިމިވަނީ އެކަށީގެންވާ ވަރަށް ޕާޓީތައް ވެސް ބޭއްވޭ ވަރަށް“ ޗައިނާ ގާޑަންގެ އައު ރެސްޓޯރަންޓުގެ ވަކިވަކި ބައިތަކުގެ ތަފްސީލުތައް ނާޒް ކިޔައިދެއްވިއެވެ.

މީގެއިތުރުން ނާޒް ވިދާޅުވީ، އެކިއެކި ޕާޓީތައް މިތަނުގައި ބާއްވާލެވޭއިރު، 300 އަށްވުރެ ގިނަ މީހުންގެ ޖާގައަށް އެތަނުގައި ގޮނޑި ޖެހޭނެ ކަމަށެވެ.
ޗައިނާ ގާޑަންގެ އައު ރެސްޓޯރަންޓު ކާނިވަލުގައި ހުޅުވާފައިވުމުން، އެތަނުގައި ފަސޭހައިން ޕާކު ކުރެވެންވެސް ހުންނާނެކަން ނާޒް ފާހަގަ ކުރެއްވިއެވެ.
ކޮންމެ ރެސްޓޯރަންޓެއްގައި ވެސް އެންމެ މުހިންމު ރޯލެއް އަދާކުރާ އެއްކަމަކީ، އެތަނަކަށްދާ ކަސްޓަމަރުންގެ ހިތްހަމަޖެހުމެވެ. އެގޮތުން ޗައިނާ ގާޑަން އިން އުފައްދާ ކާއެއްޗެއްސާމެދު މިހާތަނަށް އެއްވެސް ފަރާތެއްގެ ޝަކުވާއެއް އައިސްފައިނުވާކަން ފާހަގަ ކުރެވެއެވެ.
”އަޅުގަނޑުމެންގެ ކަސްޓަމަރ ބޭސް އެބައުޅޭ 20،000 އަށްވުރެ ގިނަ މީހުން. އަޅުގަނޑުމެން ކޮންމެ މަހަކު އެއްފަހަރު އެ ކަސްޓަމަރުންގެ ފީޑްބެކްއަކީ ކޮބައިތޯ ބަލަން. އެއްވެސް ޝަކުވާއެއް އޮތްތޯ، ކާއެއްޗެހީގެ ކޮލިޓީ ކިހިނެއްތޯ އަޅުގަނޑުމެން ބަލަން. އެހުރިހާ ކަމަކަށް ބަލާފައި، ވަރަށް ބޮޑެތި ބަދަލުތަކަކާއެކު މިތަން ހުޅުވާފައި މިވަނީ“ ނާޒް ކިޔައިދެއްވިއެވެ.

ޗައިނާ ގާޑަންގެ ފުރަތަމަ ރެސްޓޯރަންޓް ހުޅުވިތާ މިހާރު 21 އަހަރު ފުރިފައިވާއިރު، މިހާރު އެ ރެސްޓޯރަންޓު ހިންގާ ކުންފުނިން އެތަނުގެ އައު ރެސްޓޯރަންޓެއް ހުޅުވާފައި މިވަނީ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް އެފަދަ މާހައުލެއްގައިކަން ވެސް ނާޒް ފާހަގަ ކުރެއްވިއެވެ. މިހާރު ހުޅުވާފައި މިވާ ރެސްޓޯރަންޓަކީ ވަކި ފަންތިއަކަށް ނުބަލައި، ހުރިހާ ފަންތިއެއްގެ މީހުންނަށް އެކަށީގެންވާ ގޮތަށްކަމަށް ނާޒް ވިދާޅުވިއެވެ.
”ޒުވާނުންނަށް ވެސް ކަމުދާހެން، ރޫފްޓޮޕްވެސް ހިމެނޭހެން މިހުރީ ހަދާފައި. އެދުވަހު އަޅުގަނޑުމެން ސަރވްކުރި ކާއެއްޗެއްސާއި މިހާރު ސަރވް ކުރާ ކާއެއްޗެހީގެ ޕޯޝަންވެސް ތަފާތުވާނެ. އެއިރު ހުރި ވެރައިޓީތަކަށްވުރެ އިތުރު ވެރައިޓީތައް ވެސް މިހާރު ލިބޭނެ“ ޗައިނާ ގާޑަން އިން ލިބޭ ކާއެއްޗެއްސާމެދު މައުލޫމާތު ދެމުން ނާޒް ވިދާޅުވިއެވެ.

ރެސްޓޯރަންޓެއްގައި ވީއައިޕީ ލޯންޖެއް ހުރުމަކީ، މަދުން ނޫނީ ރާއްޖެއިން ނުފެންނަ މަންޒަރެކެވެ. ޗައިނާ ގާޑަންގެ ވީއައިޕީ ލޯންޖު ހަދާފައިވަނީ، ފަސޭހަކަމާއެކު މީޓިންގްތައް ބޭއްވޭނެ ގޮތަށް ދިގު މޭޒަކާއި، ގިނަ ގޮނޑިތަކުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ހުށަހަޅަން ބޭނުންނަމަ އެކަންވެސް ކުރެވޭނެ ގޮތަށްކަން ފާހަގަ ކުރެވެއެވެ. އަދި އެފަދަ ވަސީލަތްތައް އެތަނުގެ ފަސްޓް ފްލޯގައިވެސް ވަނީ ބަހައްޓާފައެވެ.

”މިތަނުގެ އެންމެ މުހިންމު އެއް ފީޗަރ އަކީ މިސާލަކަށް ބޮޑު ހޯލެއް (ފަސްޓް ފްލޯގެ މުޅި ހޯލް) ނަގާކަމުގައިވަންޏާ އެތަނުގައި ބޭނުންކުރަން އެންމެ މިޒަމާނުގެ ސްމާޓްބޯޑުތަކާ އެއްޗެހިވާނީ ހަރުކުރެވިފަ. އިތުރު ސެޓަޕެއް ހަދާކަށް ނުޖެހޭނެ ހަމަ އައިސް ސްމާޓް ބޯޑު އޮން ކޮށްލާފަ ޕްރެޒެންޓޭޝަނާ އެއްޗެހި ދައްކާލަންވީ. ހުރިހާ ފީޗަރ ތަކަކާ އެކީގަ ހުންނާނީ“ ނާޒް ވިދާޅުވިއެވެ.
ކުރިންވެސް ބުނި ފަދައިން ކޮންމެ ރެސްޓޯރަންޓެއްގައި ވެސް ކާއެއްޗެހީގެ ކޮލިޓީ ރަނގަޅުވުން ވަރަށް މުހިންމެވެ. ޗައިނާ ގާޑަންގެ ތަފާތު އިތުރު ކަމަކީ، އެތަނުގައި ތައްޔާރު ކުރެވޭ ކާއެއްޗެހި އުފައްދަން ގެންނަ ސާމާނަކީ ވެސް ހަމައެކަނި އެތަނަށް ޚާއްސަކޮށްގެން ގެންނަ ސާމާނު ކަމެވެ. އެހެންކަމުން ކާނިވާފަދަ އެހެން ގިނަ ރެސްޓޯރަންޓުތައް ހިމެނޭ ސަރަހައްދެއްގައި ހުޅުވާފައި ހުރިނަމަވެސް، ޗައިނާ ގާޑަންގެ ކާއެއްޗެހިން ގެންނަ ރަހަތައް އެހެން އެއްވެސް ތަނަކުން ނުގެނެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ.
އެހެންކަމުން ޚުލާސާކޮށް ބުނާނަމަ، ޗައިނާ ގާޑަންގެ މި އައު ރެސްޓޯރަންޓަކީ ހުރިހާ ކަމަކަށް ވެސް، ހުރިހާ އުމުރުފުރާއަކަށް ވެސް އެންމެ އެކަށީގެންވާ ރެސްޓޯރަންޓެކެވެ.



