ގެސްޓްރޮނޮމީ ޓުއަރިޒަމް ރާއްޖޭގައި ދިރުވާ އާލާ ކުރަން ގިނަ މަސައްކަތްތަކެއް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރަމުން އަންނަ ކަމަށް ބޯޑް މެންބަރު އަދި މަޝްހޫރު މާސްޓަރ ޝެފް މަހާ ނަސީރު ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 28 އިން މި މެއި މަހުގެ 1އަށް ދުބާއީ ގައި ކުރިއަށްގެންދިޔަ އެރެބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއަރ ގައި ރާއްޖެއިން ބައިވެރިވެ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާ ވިދާޅުވީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ގެސްޓްރޮނޮމީ ޓޫރިޒަމް ދިރުވާ އާލާކުރުމަށް ވަރަށް ބޮޑަށް ފޯކަސް ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން އެމްއެމްޕީއާރްސީން އިސްނަގައިގެން ގެސްޓްރޮނޮމީ ސެގްމަންޓް ކޮންމެ އަހަރަކުވެސް އެންމެ ބޮޑެތި މާކެޓުތަކުގައި ކޭޓަރ ކުރަމުންދާ ކަމުގައިވެސް މަހާ ވިދާޅުވިއެވެ.
”އެހާ ބައިވަރު ކުއިޒިންސްއާއި އެއްޗެހި އަވަށްޓެރި ޤައުމުތަކުން މިވަނީ ރާއްޖެއަށް ތައާރަފްވެ، ވާރުތަވެފަ. އޭގެ އެއްވެސް މައުލޫމާތެއް މިތަނަށް އަންނަ ގެސްޓުންނަކަށް ނޭނގޭ. އެބައިތައް ވެސް އެބަ ކުރިއަށް ގެންދަން. ރާއްޖެއަށް އެތަކެތި ވާރުތަވީ ގޮތާ އެއްޗެހި އަޅުގަނޑުމެން ކިޔައިދެން އަންނަ ގެސްޓުންނަށް“ މަހާ ވިދާޅުވިއެވެ.
މީގެއިތުރުން ބައިވަރު ކުއިޒިން ރާއްޖޭގައި ހުންނަކަން ގިނަ މީހުންނަށް ނޭނގޭ ކަމަށާއި އެންމެންނަށް ވެސް އެނގެނީ ރާއްޖޭގައި ތައްޔާރުކުރަނީ ހަމައެކަނި ރިހަފަދަ އާދައިގެ ކާއެއްޗެހި އެކަނި ކަމަށެވެ.
އޭޓީއެމް ފެއަރ ގައި މަހާ ހަރަކާތްތެރިވީ ރާއްޖޭގެ ކުއިޒިން އެ ފެއަރގެ ބައިވެރިންނަށް ހުށަހަޅައި ދިނުމުގެ އިންޗާޖަކަށެވެ. އެގޮތުން 250 އާއި 300 މީހުންނަށް އެ ފެއަރ ގައި ކޮންމެ ދުވަހަކުވެސް ކޭޓަރ ކުރަމުން ދިޔަ ކަމަށާއި ނަމަވެސް އެތަކެތި ހުސްވެގެން ގާތްގަނޑަކަށް 800 މީހުންނަށް ކޮންމެ ދުވަހަކު ކާއެއްޗެހި ތައްޔާރު ކޮށްދޭން ޖެހުނު ކަމަށް ވެސް މަހާ ވިދާޅުވިއެވެ.




