ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން، މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މި މަސް ރޭހުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 މެއި 2025 އެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 މެއި 2025 ގައެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.

އެގޮތުން، ރޭހުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.
މަސް ރޭހުގައި ބައިވެރިވުމަށް ސައިން އަޕް ކޮށްލާނީ: https://tinyurl.com/4rkjcfy2


