ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ގާއިމުކުރަމުންދާ ސްކޫލު މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންެވެ.
މެންބަރު މުހައްމަދު އިބްރާހިމް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް ސްކޫލަށް އައުމަށް މާލެއަށް އަންނަ ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ކޮން އިރަކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
އެކަމަށް އިޝާރާތްކޮށް މިނިސްޓަރު ޝަފީއު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ ދަރިވަރުން ބުރިޖު ހުރަސްކޮށް މާލޭގެ ސްކޫލުތަކަށް ދާން ޖެހޭ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފްލެޓު އެޅުމަށް އިސްކަންދޭއިރު، ޚިދުމަތްތަކަށް ބޭނުންވާ އިމާރާތްތަކަށްވެސް ވިސްނަން އެބަޖެހޭ ކަމަށެވެ.
މި ސަރުކާރުގަ އެންމެ ފުރަތަމަ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓަކީ ސްކޫލެއް ބިނާކުރުން ކަމަށް މިިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހިޔާ ފްލެޓުގެ ކައިރީގައި މިހާރު ބިނާކުރަމުންދާ 54 ކުލާސްރޫމުގެ ސްކޫލު މި އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”އުންމީދުކުރަނީ އެ 54 ކުލާސްރޫމުގެ ސްކޫލު ނިމުމާއެކުގައި ފުދޭވަރަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް“ މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ 54 ކްލާސް ރޫމުގެ އެ ސްކޫލްގެ ބިންގާ މި ސަރުކާރުން އެޅީ ޑިސެމްބަރު 25، 2023ގައެވެ.
މީގެ އިތުރުން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.
”ފޭސް ދޭއްގައި އެއް ސްކޫލާއި ފޭސް އެކެއްގައި އެއް ސްކޫލްގެ މަސައްކަތް މި އަހަރު ފަށާނަން“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބިނާކޮށްފައިވާ ފްލެޓްތަކުގެ ކައިރީގައި ސްކޫލެއް ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެެވެ.



