ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކޮންގް ޝިއަންހުއާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު އަރުއްވައިފިއެވެ.
ކޮންގްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުއްވީ، އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ކޮންގް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ އެކު، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމުގައި ރައީސް އޮފީހުން ބުންޏެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ރާއްޖެ އާއި ދިވެހިންނަކީ މުހިންމު އަދި ގާތް ބައެއް ކަމުގައި ސަފީރު ފާހަގަކުރެއްވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމުގަ އެވެ.
ރާއްޖެ އާއި ޗައިނާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.



