ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 802 ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދެއްކެވި ވާހަކަފުުޅުގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އޭސީ ހަރުނުކުރެވި ހުރި ސްކޫލްތަކަށް މި މަހުގެ ތެރޭގައި ބަލްކްކޮށް އޭސީތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
”މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މި މަހުގެ ތެރޭގައި ބަލްކްކޮށް އޭސީތައް ސްކޫލްތަކަށް ފޮނުވުމަށް. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ދަރިވަރުން ތަޢުލީމު ހާސިލުކުރުމަށް ސްކޫލްގައި ތިބޭ ހުރިހާ ކްލާސްރޫމެއް އަޅުގަނޑުމެން އޭސީކޮށް ނިންމާނަން“ މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މި މަޝްރޫޢު ފުރަތަމަ އިޢުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިނިސްޓްރީއާއި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އޭރު ރޭވިފައިވަނީ 2 އަހަރު ތެރޭގައި ނިންމުމަށެވެ.
ނަމަވެސް، ސްކޫލްތަކާއި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މި މަޝްރޫޢަށް ލިބުނު ތަރުހީބާއި، އަވަސްކުރުމަށް އެދުނު އެދުމަށް އިޖާބަދެއްވައި، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ސަރުކާރު ސްކޫލުތަކުގައި ހުރި ޖުމްލަ 3,740 ކްލާސްރޫމް އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.



