60 ދުވަހުގެ ތެރޭގައި ގައުމީ ކުޅިވަރުގެ ފަންޑު އެކުލަވާލަންޖެހޭ ގޮތަށް ކުޅިވަރާއި ބެހޭ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލް ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.
މި ބިލު ފާސްކުރީ 70 މެމްބަރުންގެ ވޯޓާއެކު އެވެ.
މި ބިލުގައި ހިމަނާފައިވާ އެންމެ މުހިންމު އިސްލާހަކީ ކުޅިވަރުގެ ވަސީލަތްތައް ހިންގައި ބަލަހައްޓައި ތަރައްގީ ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ފައިސާ އަމާނާތްތެރިކަމާއި އެކު ބެލެހެއްޓުމަށްޓަކައި އެ ފައިސާއިން އިންވެސްޓުކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި ގައުމީ ކުޅިވަރުގެ ފަންޑެއް ގާއިމުކުރުމެވެ.
މި ބިލުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ގައުމީ ކުޅިވަރުގެ ފަންޑު އެކުލަވާލަން ޖެހޭނެ އެވެ. އަދި މި ފަންޑު ހިންގާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ސަރުކާރުގެ އެހެން ފަންޑުތަކާއި ވަކިންނެވެ.
މި ފަންޑުގެ މަގްސަދުތަކުގެ ތެރޭގައި ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއި އެކު ރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކުރިއެރުމަށާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެ ނޫންވެސް ފަރާތްތަކުން ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އިންވެސްޓުކުރުން މި ފަންޑުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.



