މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެންް ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހާފައި ވަނީ ވ. ޝިވިލްގޯ ޢަބްދުﷲ ފާރިޝް (36އ) އެވެ.
ފުލުހުން މިއަދު ބުނީ ވިލިމާލޭގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 3 ވަނަ ދުވަހު އަބްދުﷲ ފާރިޝް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ ފާރިޝް (36އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



