ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އެ ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އޭނާ ބަންދުން ދޫކޮށްލާފައިވާކަން އެނގިވަޑައިނުގެން ކަމަށާއި، އެއީ ނުފޫޒު ފޯރުވުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.
ޖޭއެސްސީން ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެބޭފުޅުން މަގާމުން ވަކިކުރަން އެދި ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
އެ މައްސަލާގައި ފަނޑިޔާރު މަހާޒްގެ ފަރާތުން ކުރިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބަށް އޭނާ ގުޅުއްވިއިރު، ވެސް އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެހެންކަމުން، ނުފޫޒު ފޯރުވަންޖެހޭ ހާލަތެއް އެ މައްސަލާގައި ނެތް ކަމަށެވެ. ގާޒީ ސޮފްއަތަށް ގުޅުއްވީ އެ މައްސަލައަކީ އިސްތިއުނާފުގެ މަރުހަލާ ތެރެއިން އެ ކޯޓާ ހަމައަށް އަތުވެދާނެ މައްސަލައަކަށް ވާތީ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށް ފަނޑިޔާރު މަހާޒްގެ ތަހުގީގު ބަޔާނުގައިވެއެވެ.
ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައިވަނީ ގާޒީ ސޮފްއަތަށް ފަނޑިޔާރު މަހާޒް ގުޅުއްވިއިރު، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން އޭރު ކޯޓުން ބަންދުން ދޫކޮށްލާފައިވާ ނޭނގޭ ކަމަށް ފަނޑިޔާރު މަހާޒް ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، މަހާޒް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ”ހާއްސަ ގޮތަކަށް ބެލުމަށް ބާރު އެޅުމުގެ ގޮތުން“ ކަމަށް ”ބެލެވޭ ކަމަށް“ ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.




