ސްކޫލަކަށް ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ އުމުރުން 15 އަހަރުގެ އަނެހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ ވަނީ މިއަދު ހެނދުނު 08:30 ހާއިރެވެ.
ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލުން ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދިއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.
މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅާލައި، މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ




