އަވަށްޓެރި އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ އުސޫލުތައް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންނުވާ ގޮތަށް އިސްލާހުކޮށް، ބަދަލު ގެންނަމުން އަންނަ ކަމަަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަަށް ހާޒިރުވެ، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޣައްސާން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލު ކުރެވިފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީ ޒިންމާވާ ގޮތަށް އޮތީ ހަތަރު އެއްބަސްވުމެކެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒެއް އިންޑިއާގެ އެހީގައި ހަދަން ގާއިމްކޮށްފައިވާ އެއްބަސްވުމެވެ.
ސަރުކާރުގައި މިހާރު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ކުރިން އިދިކޮޅުގައި ތިއްބެވިއިރު ބުނެފައިވަނީ، އުތުރުތިލަފަޅު އެއްބަސްވުމުގައި ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ބައެއް މާއްދާތައް ހުރި ކަމަށެވެ. މިނިސްޓަރ ޣައްސާން މިއަދު ވިދާޅުވީ، އެ މާއްދާތައް މިހާރު އިސްލާހުކުރަމުން އަންނަ ކަމަށެވެ.
އެ އިސްލާހުތަކުގެ އިތުރު ތަފްސީލެއް ހާމަނުކުރައްވާ މިނިސްޓަރ ޣައްސާން ވިދާޅުވީ، އެއްބަސްވުންތައް އަދި އެއްބަސްވުންތަކަށް ގެންނަ އިސްލާހުތައް ހާމަނުކުރަނީ ”ކޮންފިޑެންޝަލިޓީ ކްލޯޒް“ ހިމަނާފައިވާތީ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އެއްބަސްވުންތައް ހާމަކުރަން މަޖިލީހުން އެދިއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.



