ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަންނަން ހިނގާފައި ދިޔަ މީހަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ހައްޔަރު ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ވިދާޅުވެފައިވަނީ އެއާޕޯޓަށް ވަންނަން ހިނގާފައި ދިޔަ ބިދޭސީއަކު ހުއްޓުވަން މަސައްކަތް ކުރުމުން، ފުލުހުންގެ އަމުރަށް ނުކިޔަަންތެރިވުމުގެ ކުށުގައި އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 23 އަހަރުގެ ރޯހިތު ކުމާރް ނަމަކަށް ކިޔައި މީހެކެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 7:40 ހާއިރު އެއާޕޯޓަށް ދާން އޭނާ ހިނގާފައި ދަނިކޮށް ފެނިގެން، މަޑުކުރަން އެންގި ކަމަށެވެ. ނަމަވެސް މަޑުނުކޮށް ދުވެފައިދާން އުޅުމުން، ފުލުހުން އޭނާ ހިފަހައްޓައި ހައްޔަރުކުރީ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ބެލި ބެލުމުން، އެ މީހާއަކީ އޭނާ ގެނައި މީހާއަށް ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



