ވެލާނާ އިންޓާނޭޝަނަލް އޭއާޕޯޓު (ވީއައިއޭ) އަށް 74 ސެކިއުރިޓީ އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވީއައިއޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޭވީއެސް ޓްރެއިނީގެ މަގާމަށް 74 އޮފިސަރުން ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ޕްރޮބޭޝަން މުއްދަތުގެ ތިން މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ޑިއުޓީ ސްޕަވައިޒަރު ޝިފްޓް އިންޗާޖް ނުވަތަ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރަންޖެހޭނެ ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
އޭވިއޭޝަން ސެކިއުރިޓީ އޮފިސާސް އެންޑް ގާޑްސް ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ މުސާރައަކީ 5920 ރުފިޔާ ކަމަށާއި ސާވިސް އެލަވަންސަށް މަހަކު 1500 ރުފިޔާ އަދި އެހެނިހެން އެލަވަންސް އާއި ކޮއްތު ފައިސާގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު -/60 ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާވެސް ދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއް ކަމުގައިވުމާއެކު އިސްކޮޅުގައި ފަސް ފޫޓް ހުންނަން ޖެހޭނެ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން ކްލާސް 3 ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވުމުން ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނުގައި ބުނީ މި މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ކަމަށެވެ.
އެހެންކަމުން އެ ދުވަހުގެ 14:00 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓަސް އަށް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަން އެ އިއުލާނުގައި ވަނީ އެދިފައެވެ.




