ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ހަރުދަނާ ކުރަން ބްރޫނާއީއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބްރުނާއީގެ ޕްރައިމަރީ ހެލްތުކެއަރގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުންނާއެކު ހެލްތު މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައެވެ.
ހެލްތު މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ހަރުދަނާ ކުރުން، ޚާއްޞަކޮށް އަރބަން ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
އަދި ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ޚާއްޞަކޮށް ނަރުހުން ތަމްރީން ކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ހަމައެހެންމެ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބުރުނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހޯދުމާއި ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް، އެކަމުގެ ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް (ޓޮބޭކޯ ސެޒޭޝަން) ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
ބްރޫނާއީގެ ޓީމުން ވަނީ މާލޭގައި ޞިއްޙީ ޚިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ.
އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަމަނަވެށި ހިމެނެއެވެ. އެ ޓީމުން ވަނީ ރާއްޖޭގެ ހެލްތްކެއާ އިންފްރާސްޓްރަކްޗާ އާއި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ބަލާފައެވެ.



