އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ރޭގައި ވައިގެ ހަމަލާތަކެއް ބަދަލު ކުރެވި އެތައް ބަޔަކު މަރުވެއްޖެއެވެ.
މި ހަމަލާތައް ދޭން ފުރަތަމަ ފަށާފައިވަނީ އިންޑިއާއިންނެވެ. ޕާކިސްތާނުގެ މުޅިއަކު ހަ ސަރަހައްދަކަށް މިސޭލުތައް އިންޑިއާއިން ފޮނުވުމުގެ ސަބަބުން، އެ ޤައުމުން 8 މީހަކު ވަނީ މަރުވެފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު)ގެ ޑިރެކްޓަރ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ ރޭގައު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންޑިއާގެ މިސައިލް ހަމަލާތަކުގައި ޕާކިސްތާނުގެ އަށް މީހަކު މަރުވެ، އިތުރު 35 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މިހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީޒު ޝެހްބާޒް ޝާރިފް ”އެކްސް“ ގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިންޑިއާއިން ކޮށްފައިވާ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެ ހަމަލާތަކުގެ ބަދަލު ދޭނެ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ހަމަލާތަކެއް ދީފައެވެ. އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ޕާކިސްތާނު ސިފައިން ހިންގި އަސްކަރީ ހަމަލާތަކުގައި އިންޑިއާގެ އާންމުންގެ ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެންޑީޓީވީން ބުނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ރޭގަނޑު ވަނީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް، ޖައްމޫ އާއި ކަޝްމީރުގެ ބައިނަލްއަގްވާމީ ޕޯސްޓުތަކުން ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ބަޑީގެ ހަމަލާތަކުގައި އާންމުންގެ ތިން މީހަކު މަރުވެފައިވާ ކަމަށް އެންޑީޓީވީން ބުނެފައި ވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މި ހަމަލާތަކުގެ ސަބަބުން، އެ ދެ ޤައުމަށް ވެސް ދަތުރު ކުރާ ބައެއް ފްލައިޓުތަކުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.


