ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މިވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށްވަނީ ވިއްސާރަކޮށް ބޯކޮށް ވާރޭވެހިފައެވެ. އެކަމާ ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފްއިން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށެވެ.
އެގޮތުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެއްގަމު އުޅަނދު ދުއްވުމުގައާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއްގަމު އުޅަނދު ދުއްވާއިރުގައާއި ކަނޑުދަތުރު ކުރާއިރު ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
އެއްގަމު އުޅަނދު ދުއްވާއިރު:
° ކޮންޓްރޯލު ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން
° ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން
° ވަޔާއެކު ހަލާކުނުވާނެ ވިއްސާރަ ކޯޓު ބޭނުންކުރުން
° ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުން
° އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން
° ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން
ކަނޑު ދަތުރުފަތުރު ކުރާއިރު:
° މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުން
° އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން
° ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
° އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
° އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓު އަޅައިގެން ތިބުން
° އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުން



