މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް (މިސްފީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފި އެވެ.
މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާއި ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މަޝްރޫޢެކެވެ.
މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތްފުޅާ ކުރެއްވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢުއެކެވެ.
މިފްސީ އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވީ، މިމަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027 ހުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ޙަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފައެވެ.
މިގޮތުން މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރު ހަރުފަތަކަށް ޖައްސާ ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގެ ހަބެއްގެގޮތުގައި ސަރަޙައްދީ ފެންވަރުގައި ތަރައްޤީކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިއީ ހަމައެކަނި ”ޕްރޮގްރާމެއްގެ“ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ފެށޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކުމަށެވެ.
”ރާއްޖޭގެ އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހްކުރުމަކީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީން އިންސްޕަޔަރކޮށް، ގައުމުގެ ތަރައްގީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި ސްޓްރެޓެޖިކް ފިޔަވަޅެއް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



