ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ހަވީރު 5:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ބުނެފައެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެއްގަމު އުޅަނދު ދުއްވުމުގައާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއްގަމު އުޅަނދު ދުއްވާއިރުގައާއި ކަނޑުދަތުރު ކުރާއިރު ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
އެއްގަމު އުޅަނދު ދުއްވާއިރު:
° ކޮންޓްރޯލު ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން
° ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން
° ވަޔާއެކު ހަލާކުނުވާނެ ވިއްސާރަ ކޯޓު ބޭނުންކުރުން
° ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުން
° އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން
° ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން
ކަނޑު ދަތުރުފަތުރު ކުރާއިރު:
° މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުން
° އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން
° ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
° އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
° އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓު އަޅައިގެން ތިބުން
° އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުން




