ސަރުކާރުގެ ޓެކްސީ ލައިންގައި އެކި ސައިޒްގެ ވެހިކަލް ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި،ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ލައިނެއް އުފައްދަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ކަސްޓަމަރުންނަށް މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ހޯދަން އުނދަގޫވާތީ ކަމަށެވެ.
”ޓެކްސީ ނުލިބޭ މައްސަލައިގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ، ހާއްސަކޮށް މާލޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދިޔުމަށް ޓެކްސީ ހޯދަން ވަރަށް އުނދަގޫ“ މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީލައިނެއް ފަށަނީ ވަރަށް ގިނަ ފަރާތްތަކަކުން އެ ޚިދުމަތް ބޭނުންވާތީ ކަމަށާއި، އަމިއްލަ ފަރާތްތަކުން މިހާރު ޓެކްސީ ހިދުމަތްދެނީ ކަސްޓަމަރުން ބޭނުން ގަޑިތަކުގައި ނޫން ކަމަށެވެ.
”ނަމަވެސް، ސަރުކާރުން އެ ޚިދުމަތް ދޭއިރު އާންމުންނަށް ޓެކްސީ އެންމެ ބޮޑަށް ބޭނުންވާނެ ގަޑިތަކަށް އިސްކަން ދޭނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ޓެކްސީ ލައިންގައި އެކި ސައިޒްގެ ވެހިކަލް ހިމެނޭނެ ކަމަށް އަމީން ވަނީ ވިދާޅުވިއެވެ.
މިގޮތުން އޭގެ ތެރޭގައި ހުޅުމާލެ އާއި އެއާޕޯޓަށް ވަކި ސައިޒްތަކެއްގެ އިތުރުން މާލޭގެ ހަނި މަގުތަކަށް ވަދެވޭ ސައިޒްގެ ޓެކްސީ ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



